Last Updated: December 27, 05:44
Friday, December 27, 2024
ޚަބަރު ޑރ. މުހައްމަދު މުއިއްޒު

ވޭޕް މަނާކުރަން ނިންމީ ރައްޔިތުން އެދޭތީ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމީ ރައްޔިތުން އެކަމަށް އެދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވޭޕްގެ ވިޔަފާރި ކުރި މީހުންގެ ކުށެއް ނެތް ކަމަށާއި ނަމަވެސް، ގައުމުގެ ރައްޔިތުންގެ ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން ދަރިން ސަލާމަތް ކޮށްދިނުމަށްކަން ފާހަގަ ކުރެއްވި އެވެ. އަދި ވޭޕް މަނާކުރަން ނިންމީ އެ ސަބަބާ ހުރެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި މުޖުތަމައަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމައުތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ސިއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ހަޤީޤަތުގައި ޤައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ދަރިންނަށްޓަކައި ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ އާދަވެ، އަށަގަނެފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވެގެން ހޯދޭ ތަރައްޤީވެސް ހާސިލުކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.