ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުންލިބުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމަށް ހިދުމަތްދޭން ފަށައިފި އެވެ.
ބްރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އެ މިނިސްޓްރީތަކުގެ މަސައްކަތް ހުއްޓުމެއްނެތި ދިނުމަށްޓަކައި އެ ތިން މިނިސްޓްރީ ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. އަދި މިއަދު ވަނީ ދަރުބާރުގޭގައި އެ ތިން މިނިސްޓްރީގެ ހިދުމަތްދޭން ފަށާފަ އެވެ.
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެ އިމާރާތް ވަނި އެއްކޮށް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ އެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.