ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ޖިހާދުގެ މައްސަލަ ހައި ކޯޓަށް ބަލައިނުގަތީ، ޖިހާދު އުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދިން 15 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ޕީޖީން މައްސަލަ ހުށަހެޅުމުންނެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން މުރާޖައާ ކުރުމަށް ޕީޖީން ހުށަހެޅުމުން ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވަނީ ޖިހާދުގެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުން ބާތިލުކުރާނެ ތަނެއް ނެތްކަމަށެވެ.
ހައިކޯޓުގެ މި ނިންމުން ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.