މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 140 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ. މިދިޔަ އޮކްޓޫބަރު މަހު މި އަދަދު ހުރީ 126 ގަ އެވެ.
ޑެންގީ ހުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔަކަށްވާތީ މަދިރި އާލާފާ ވަދަ ގޮތްގޮތަށް އަމަލު ނުކުރަން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެ އެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކައިނުލުމަށާއި މަދިރިން ރައްކާތެރިވުމުގެ ގޮތިން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރަށް މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.