Last Updated: April 9, 19:07
Wednesday, April 9, 2025
ޚަބަރު ޑރ. މުހައްމަދު މުއިއްޒު

ތިން މިނިސްޓްރީ ހިންގަން ތަނެއް ކުއްޔަށް ނުހިފާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންލިބުނު ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން، ތަނެއް ކުއްޔަށް ނުހިފާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބްރާސްފަތު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީ މިހާރު ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.

ދަރުބާރުގޭގައި މިނިސްޓްރީތަކުން ދެމުންދާ ހިދުމަތްތައް ބައްލަވާލެއްވުމަށް ރައީސް މުއިއްޒު މިއަދު ވަޑައިގެން މުވައްޒަފުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަމަށެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ޚިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން ދަރުބާރުގޭގައި ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ޚިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓަރ ސިސްޓަމްފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ދަރުބާރުގެއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރަތް އަނދާދިޔަ ތިން މިނިސްޓްރީއަށް އާންމު ހާލަތަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.