މިދިޔަ ބްރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މިމައްސަލައިގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދޭނެ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް 31 މެންބަރުންގެ ސޮއި ހަމަކުރަންޖެހޭކަން ފާހަގަކޮށް ނާޒިލް ވިދާޅުވީ އެމްޑީޕީއަށް އެކަނި އެ އަދަދު ހަމަ ނުކުރެވޭނެ ކަމަށާއި އެހެންކަމުން ޕީއެންސީގެ ވެސް އެހީތެރިކަމަށް މިކަމުގައި އެދޭ ކަމަށެވެ. އަދި އެކަމަށްއެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ސިޓީއެއް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ ދައުރުން ބޭރުގައި ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ބާއްވަންވާނެ ކަމަށެވެ.