Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

އަމާޒަކީ އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލުން

އަންނަ އަހަރު ނިމުމުގެ ކުރިން، މައިމީހާގެ ފަރާތުން އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހުގެ ފާހަގަކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޞިއްޚީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ގާބޫލުކުރާ ފެންވަރަށް ރާއްޖޭގައި މި ބަލި ނައްތާލެވިފައިވާ ޤައުމަކަށް ހެދުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެއިޑްސްފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް ވެސް އިފްތިތާޙްކޮށްފައެވެ. އެއީ " ނޭޗަނަލް ގައިޑްލައިންސް އޮން އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް" ގައިޑްލައިނެވެ.

މި ގައިޑްލައިން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.

މި ގައިޑްލައިންގެ ސަބަބުން އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްޙީ ދާއިރާއިން ކަށަވަރުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. އަދި މިފަދަ ކަންކަމުން އަރައިގަތުމަށް ޤައުމެއްގެ ގޮތުގައި އެކުއެކީގައި އެންމެން މަސައްކަތް ކުރުމުގެ މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޗްއައިވީ އެއިޑްސް އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ފަރުވާދިނުމާއި، މިކަމަށް މީހުން ހޭލުންތެރިކުރުމާއި ފަރުވާގެ ކަންކަން ރަނގަޅުކުރުމާއި ގުޅެގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ޕެނަލްގައި ބައިވެރިވީ ރާއްޖޭގައި މިފަދަ ބަލިތަކަށް ފަރުވާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންނެވެ.