Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ

ފޮޓޯ: އައްޑޫލައިވް

އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ކަމަށާއި އެގޮތުން، ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އވެެ.

އެ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން، މި މުއްދަތުގައި ދެކުނާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވައިގަދުވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ބަލެވޭއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. އަދި މި ދުވަސްވަރު ގަދަވަޔާއި ވިއްސާރަކޮށް ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެ އެވެ.

މީގެ އިތުރުން މި މުއްދަތުގައި ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރުކުރާނެ ކަމަށް އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެތީ ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އެދިފަ އެވެ.