އައްޑޫގައި 4.5 މެގަވޮޓުގެ ސޯލާ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމަށް ފެނަކައިން ޔޫއޭއީގެ ކްލިއާ ފިއުޗާ ސިނާޖީސް ކުންފުންޏާ ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ފެނަކައިން އެއްބަސްވުން ބާޠިލުކުރަން ނިންމީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހުނުކަން އަންގައިދޭ ލިޔުން ފިއުޗާ ސިނާޖީސް އިން ހުށަނޭޅުމުންނެވެ.
ފިއުޗާ ސިނާޖީސް އިން ބުނެފައި ވަނީ އެއީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތުން، އެ އެއްބަސްވުން ބާޠިލުކުރެވޭނީ ފިއުޗާ ސިނާޖީސް އިން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކުރާ ނަމަ، އެކަން އިޞްލާޙުކުރަން އަންގައި ނޯޓިސްއެއް ދިނުމަށް ފަހު ނުވަތަ ދެ ކުންފުނި އެއްބަސްވެގެންނެވެ.
މި ނޯޓިސް ދެވޭނީ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ދިން މުއްދަތުގެ އަހަރެއް ފަހުންނެވެ.
ފިއުޗާ ސިނާޖީސްއިން ބުނެފައި ވަނީ އެއްބަސްވުން ބާޠިލުކުރުމުން ލިބިދާނެ މާލީ ގެއްލުމުގެ ތެރޭގައި 20 އަހަރުގެ މުއްދަތަށް 33.9 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި މިހާތަނަށް 7.2 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފެނަކައިން ބުނެފެއިވާ ގޮތުގައި ޕްރޮޖެކްޓުގެ މަސައްކަތް އެއްބަސްވެފައިވާ ޝެޑިއުލާއި އެއްގޮތަށް ނުހިނގާތީ، ފައިސާ ހަމަޖެހުނުކަމުގެ ލިޔުން ހުށަހެޅުމަށް މުހުލަތު ދިނުމަށް ފަހު ވެސް އެކަން ނުކުރުމުން އެއްބަސްވުން ބާޠިލުކުރީ އެވެ.
ކޯޓުން މި މަހުގެ 9 ގައި ވަގުތީ އަމުރެއް ނެރެފައި ވަނީ މައްސަލައިގައި ޙުކުމް ކުރުމާ ހަމައަށް ނުވަތަ ޝަރީޢަތުން ވަކި ގޮތެއް އަންގަންދެން، ފެނަކައިން ފޮނުވި އެއްބަސްވުން ބާޠިލުކުރާ ސިޓީއަށް ޢަމަލު ނުކުރުމަށާއި އެ ސިޓީއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
މި އެއްބަސްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ އާއި ފިއުޗާ ސިނާޖީސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މި މަޝްރޫޢުގެ ދަށުން ގަން އެއާޕޯޓަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް 2.5 މެގަވޮޓުގެ ސޯލާ ގްރިޑަކާއި ހުޅުމީދޫގައި 2 މެގަވޮޓުގެ ކަރަންޓު އުފައްދާ ގްރިޑެއް ޤާއިމުކުރަން އޮތީ ހިމަނައިފަ ވެ. މި މަޝްރޫޢު ނިމުމުން އައްޑޫގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ މިންވަރު ގާތްގަނޑަކަށް 2.1 މިލިއަން ލީޓަރު މަދުކުރެވޭނެ ކަމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.