ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އަންނަ އަހަރު މުޅި ރާއްޖެ އަށް ފުޅާކުރަން ސަރުކާރުން އަމާޒު ހިފާފައިވާ އިރު، އެކަމަށް އިތުރު 56 އުޅަނދު ބޭނުން ވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ އެމްއެމް ޓީވީގައި ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަންނަ އަހަރު ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމެއް ކަމަށެވެ.
"އެހެންވެއްޖެ ކަމަށްވަންޏާއި އަޅުގަނޑުމެންގެ ފްލީޓަށް އިތުރުކުރަން ޖެހޭ ފަންސާސް ހަ އުޅަނދު،" އޭނަ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ އެ އަދަދަކީ އާރްޓީއެލްގެ ހިދުމަތަށް މިހާރު ބަނދެފައިހުރި އުޅަނދުތަކުގެ އަގަށް ބަލާ އިރު ކަމަށްވަންޏާއި ގާތްގަނޑަކަށް 508 މިލިއަން ރުފިޔާ ކަމަށެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް އެމްޓސީސީން އަންނަނީ ނުވަ އަތޮޅެއްގައި ދެމުންނެވެ. މި ހިދުމަތް ފެށީ 2022 ގަ އެވެ. މި ސަރުކާރު އައި ފަހުން އާރްޓީއެލްގެ ހިދުމަތް އެންމެ ފަހުން ފެށި އަތޮޅަކީ ނ. އަތޮޅެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ނިޔަލަށް މި ހިދުމަތް މުޅި ރާއްޖޭގައި ދޭން އަމާޒު ހިފާފައިވާ އިރު، ވަރަށް އަވަހަށް އދ. އަތޮޅުގައި ހިދުމަތް ފަށާނެ އެވެ.
އާރްޓީއެލްގެ ދަށުން އެމްޓީސީން އަންނަނީ އާބާދީ ބޮޑެތި ހިސާބުތަކުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.