މިދިޔަ މަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އައްޑޫ ކައުންސިލުން ކުރި ދަތުރަށް 700،000 ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއްކޮށްފި އެވެ.
މި ދަތުރަށް ކައުންސިލުން ކުރި ހަރަދުތައް ހޯދަން "މިހާރު" ނޫހުން އެދުމުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނޮވެމްބަރު 2 އިން 11 އަށް ލަންޑަނަށް ކުރި ދަތުރަށް ކައުންސިލްގެ ބަޖެޓުން 528،027ރ. އަދި ޓްރަސްޓް ފަންޑުން 196،111ރ. ވަނީ ހަރަދުކޮށްފަ އެވެ. އެއާއެކު މި ދަތުރަށް މުޅި ޖުމްލަ 724،138ރ. ވަނީ ހަރަދު ކޮށްފަ އެވެ.
މި ދަތުރުގައި ބައިވެރިވީ އައްޑޫ މޭޔަރު އަލީ ނިޒާރުގެ އިތުރުން ހަތަރު ކައުންސިލަރަކާއި ކައުންސިލް އެގްޒެކެޓިވްއަކާއި ކައުންސިލް އޮފިސަރަކާއި ޕަބްލިކް ރިލޭޝަންސް އޮފިސަރު އަދި ޓެކްނިކަލް އެކްސްޕާޓެއް ކަމަށް ބުނެފައިވެ އެވެ.
އައްޑޫގެ ފަތުރުވެރިކަން ޑަބްލިއުޓީއެމްގައި އިޝްތިހާރު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އިފްތިތާހު ކުރި އައްޑޫގެ ޓޫރިޒަމް ބްރޭންޑް "ބިޔޯންޑް ދި އީކްއޭޓަ"ގެ ނަމުގަ އެވެ.
މިއީ ޑަބްލިއުޓީއެމްގައި އައްޑޫގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން އިޝްތިހާރު ކުރުމުގެ ހަރަަކާތްތަކެއް ހިންގި ފުރަތަމަ ފަހަރެވެ.