ކުރިއަށް އޮތް ތަނުގައި ދުންފަތުގެ އިސްތިއުމާލުނުކުރެވޭނެ އާއްމު ތަންތަން އިތުރުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީ އާއި ޓީވީމޯލްޑިވްސް ގުޅިގެން ގެނެސްދޭ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު އިސްމާއިލް ޒާހިރު ވިދާޅުވީ ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވާާޢިދުގެ ޑްރަފްޓް މިހާރު ނިމިފައިވާ ކަމަށާއި އެ ޤަވާާޢިދުގެ ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން މިހާރު ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ތަންތަން އިތުރު ވެގެންދާނެ ކަމަށާއި އަދި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ތަންތަންވެސް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިސްމާއިލް ޒާހިރު ވިދާޅުވީ ގަވާޢިދު އާއްމުކުރާ ހިސާބުން ޤާނޫނު ތަންފީޒުކުރާ އިދާރާތަަކަށް ވެސް، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން އަތޮޅުތަކުގައި އާންމުން ހޭލެންތެރިކުރުމަށް، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ޖަމިއްޔާތަކާ ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތްކުރަމުނެވެ. އަދި ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާގުޅޭ ފަރާތްތައް އަހުލުވެރި ކުރުމާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޒާހިރު ވިދާޅުވި އެވެ.
ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ކުއިޓްލައިނެއް ޤައިމްކޮށްފަ އެވެ. ނަންބަރަކީ 1676 އެވެ. މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭނެ އެވެ. މި ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ އެވެ.