މާދަމާ އިން ފެށިގެން މޫސުން އިތުރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މާދަމާ އިން ފެށިގެން މެދު ރާއްޖެތެރެ އާއި ދެކުނަށް މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން އެ ސަރަހައްދަށް ވަރަށް ބޮޑަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އެގޮތުން، ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެެ.
މޫސުން ގޯސްވެ އިއްޔެ ކުރި ވިއްސާރައިގައި ނ. ހެނބަދޫ 75 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ހެނބަދޫގެ އިތުރުން ވިއްސާރައިގެ ސަބަބުން ޅ.ކުރެންދޫ، އަދި ނ. ކެނދިކުޅުދޫ އަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ.