Last Updated: April 2, 22:48
Wednesday, April 2, 2025
ދުނިޔެ

ހޮންޑާ އާއި ނީސާން އެއްކޮށްލަނީ!

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކުރި ކާރު އުފައްދާ ޖަޕާންގެ މަޝްހޫރު ދެ ކުންފުނި ކަމަށްވާ ހޮންޑާ އާއި ނީސާން އެއްކޮށްލަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ދެ ކުންފުނިން ގުޅިގެން ނެރުނު ބަޔާނެއްގައި ދެ ކުންފުނި އެއްކޮށްލެވެން ހުރި ފުރުސަތުތައް ބަލައި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

"މިކަމާ ގުޅޭ ގޮތުން އަހަރެމެންގެ ސްޓޭކްހޯލްޑަރުންނާ ހިއްސާކުރަން ޖެހޭ މައުލޫމާތެއްވިއްޔާ އެކަމެއް އެ ފަރާތްތަކާ ހިއްސާ ކުރަމުން ގެންދާނަން." ބަޔާނުގައި ބުންޏެވެ.

މީޑިއާތަކުން ބުނީ ހޮންޑާ އާއި ނީސާން އެއްކޮށްލައި އުފައްދާ ޖޮއިންޓް ވެންޗާއަކުން ވިޔަފާރިތައް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ދެ ކުންފުނީގައި ވެސް ބޮޑު ކަމަށެވެ. އެހެންވެ މި ބޮޑު ކުންފުނި ދެ އެއްކޮށްލުމުންވާ ގޮތެއް ބަލަން ވަރަށް ގިނަ ބަޔަކު މިހާރު ޝައުގުވެރިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. އަދި ހޮންޑާ އާއި ނީސާން އެއްކޮށްލުމާ ގުޅޭ ގޮތުން ނިންމާ ނިންމުމަކަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ހޮންޑާ އާއި ނީސާން އިން މާޗް މަހުގެ ތެރޭގައި ހެދި ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން އިލެކްޓްރިކް ވެހިކަލް (އީވީ) އަށް ބޭނުންވާ މުހިއްމު ބައިތައް އުފެއްދުމަށާއި ކުންފުނީ އުފެއްދުންތަކުގައި އާޓިފިޝަލް އިިންޓެލިޖެންސް (އޭއައި) ބޭނުންކުރަން އެއްބަސްވެފައިވެ އެވެ.

ދެ ކުންފުނިން ވެސް ބުނެފައި ވަނީ އީވީގެ މާކެޓް މިހާރު ބާރަށް ފުޅާވެ، ކުރިއަރައި ވާދަވެރިކަން ބޮޑުވަމުން އަންނަ އިރު، އެ ދާއިރާގައި ނަގާކިޔާ ބައެއްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންވެ ދެ ކުންފުނި ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން އީވީ މާކެޓްގެ ވާދަވެރިކަން މިހާރަށް ވުރެ ބޮޑުވެގެން ދާނެ ކަމަށް ބުނެފައިވެ އެވެ.

އީވީގެ މާކެޓްގައި މިހާރު އެންމެ ނަގާކިޔާ ކުންފުނިތަކަކީ ޓެސްލާ އާއި ޗައިނާގެ ބީވައިޑީ ކޮމްޕެނީ އެވެ.

ހޮންޑާއާ އެކު ނީސާން ޕާޓްނިޝިޕް ހެދި އިރު، އެ ކުންފުނިން ކުރިން ރެނޯލްޓާއި މިޓްސުބިޝީ މޮޓޯސްއާ އެކީ ވެސް އެއްބަސްވުންތަކެއް ހަދާފައިވެ އެވެ.