Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

ދުންފަތާ ދުރުކުރަން އެޅީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް

ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އ.ދ ގެ އިދާރާ ޔުނިސެފް އިން އިސްނަގައިގެން، ކަމާގުޅޭ އެންމެހާ އިދާރާތަށް އެއްމޭޒުދޮށަށް ގެނެސް މަޝްވަރާކުރުމަށް "ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގެ ތީމަކީ އަދާއި މާދަމާގެ ޖީލު، ދުންފަތުން ރައްކާތެރިކުރުމުގެ މައްޗަށް އަދި ވަކިން ޚާއްޞަކޮށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މައްޗަށެވެ. މި ބައްދަލުވުމުގައި ވަނީ މި ތީމާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ، ދުންފަތުން މީހުން ރައްކާތެރިކުރުމަށް އަދި ވަކިން ޚާއްޞަކޮށް ޅަ ދަރީން ދުންފަތުގެ ތަފާތު ބާވަތްތަކަށް ހުށަހެޅޭ ހުށަހެޅުމުން ސަލާމަތްކުރުމަށް، ސަރުކާރުން އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ތަންފީޒީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މިއީ މުނާސަބު ވަގުތެއް ކަމަށާއި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި އެހެނިހެން ފިޔަވަޅުތަށް އެންމެ އެކަށީގެންވާ އަދި ނަތީޖާ ޙާޞިލުވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހާއެކު ރާއްޖޭގައި ރާއްޖޭގައި ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން އަދި ވިއްކުން ވެސް ވަނީ މަނާވެފަ އެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އިން 21 އަށް ވެސް މިހާރު ވަނީ މަތިކޮށްފަ އެވެ.