ކަރަންޓުގެ މައްސަލަ ހައްލު ވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންދަނިކޮށް ހިތްހަމަޖެހުމުގެ ނޭވާއެއް އައްޑޫ ސިޓީގެ ރައްޔިތުންނަށް ލެވިގެން ދިޔައީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ދެ މެގަ ވޯޓުގެ ދެ އިންޖީނު އައްޑޫއަށް ގެނައި ހިސާބުންނެެވެ. ނަމަވެސް އައްޑޫ ރައްޔިތުންގެ ހިތްހަމަޖެހުން ވެގެން ދިޔައީ ހަމައެކަނި ވަގުތީ ހިތްހަމަޖެހުމަކަށެވެ.
'ވަގުތީ ގޮތުން' ކަމަށް ބުނެ މިއަދު އައްޑޫއަށް ގެނައި ދެ އިންޖީނުވެސް މާލެ ގެންދިއުމަށްޓަކައި ހިތަދޫ ސަރަހައްދީ ބަނދަރަށް ގެންދިޔަ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމާއި އެކު އައްޑޫގެ ރައްޔިތުންގެ ފަރާތުން ނުރުހުމުގެ ބަސްތައް އަމާޒުވާން ފެށި އެއްބަޔަކީ، ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލްކުރަން ތިބި ހަތް މެންބަރުންނެވެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ 7 މެންބަރުން މީގެ ކުރިން މަޖިލީހުގައި ދައްކަވާފައިވާ ޖޯޝާއި ފޯރިއަށް ބަލާއިރު އެބޭފުޅުންނަކީ މަޖިލީހުގެ ޖަލްސާއެއް ހުއްޓުވާލުމުގެ ޤާބިލްކަން ލިބިގެންވާ ބޭފުޅުން ކަމުގައި ދަންނަވަން ޖެހެއެވެ. ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ (އައިބީ) އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރ އަލީ ނިޒާރުގެ އިތުރުން މީދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމަކީ މަޖިލީހުގައި ދުންމާރި ފުމެ އަޑުގަދަކޮށް ނިޒާމް ގެއްލުވާލުމުގެ ރިކޯޑް ހައްދަވާފައިވާ ބޭފުޅުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރ އަސްލަމާއި ހިތަދޫ މެދު ދާއިރާގެ މެންބަރ އިބްރާހިމް ދީދީގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެހެން ނަމަވެސް މަރަދޫ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް (މަވޯޓާ) އަދި ހުޅުދޫ ދާއިރާގެ މެންބަރ މުހައްމަދު ޝާހިދަކީ ހަމަގައިމުވެސް މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދެއްކުމަށް ކެރިވަޑައިގަންނަވާ ބޭފުޅުންކަން އެބޭފުޅުން ވަނީ ސާބިތުކޮށްދެއްވާފައެވެ.
ރިކޯޑްތަކާއި މެޑެލް ޖައްސަވައިގެން ތިއްބެވި ހަތް މެންބަރަކު ނިސްބަތްވާ ދިވެހިރާއްޖޭގެ ދެވަނަ ސިޓީގެ ލަޤަބް ލިބިފައިވާ އައްޑޫ ސިޓީގައި ހުރި ދެ ޖަނެރޭޓަރެއް ރަށުން ބޭރުކޮށްގެން ގެންދިޔައިރު މި އިން އެއްވެސް މެންބަރަކަށް އެއްޗެކޭ ބުނަން ނުކެރުމަކީ ހަމަ ހައިރާންވާންޖެހޭ ކަމެކެވެ. މަޖިލީހުގައި 'ޑީލްތައް' ހަދައިގެން ކަންކަން ނިންމަމުން ދާއިރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ބޮޑު ހިތާމައެއް ލިބިގެން ދިޔައިރު، އެބޭފުޅުން ހިތައް އެއްވެސް އެއޗެކޭ ނާރާ ކަހަލައެވެ.
ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ، މިއަދު މަޖިލީހުގައި ތިއްބެވި އައްޑޫގެ މެންބަރުންގެ ތެރެއިން ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މެންބަރުންނަށް ވޯޓު ދޭނީ، ރައީސް ޔާމީނާއި އަދީބެއް ނޫނެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނަށް ވޯޓު ދޭނީ ރައީސް ނަޝީދެއް ވެސް ނޫނެވެ. ހަމަ އައްޑޫ ރައްޔިތުންނެވެ. އެހެންކަމުން ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި 'ވަރިހަމަ' ވެގެން އަބަދު ތިބެވިދާނެ ކަމަށް ހީފުޅުނުކުރައްވާށެވެ.