Last Updated: November 24, 10:29
Sunday, November 24, 2024
ކޮލަމް

މިނިވަންކަމަށް 50 އަހަރު ފުރެން 3 ދުވަސް! ގައުމު ވިއްކާލައިފި!

ދިވެހި ރާއްޖެ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަނގަ ކުރުމަށް މުޅި މާލެ މިދަނީ ޒީނަތްތެރި ކުރަމުންނެވެ. ގައުމުގައި މިދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ އެއްވާހަކަ އަކީ މިނިވަން 50ގެ ވާހަކައެވެ.

މިނިވަން 50 ގެ އުފާ ދިވެހިން ހޯދަން އެންމެ 3 ދުވަހަށް ވެފައި ވަނިކޮށް މިއަދު މިވަނީ ދިވެހި ގައުމު ސިއްސުވާލާފައެވެ. ސިޔާސީ އިދިކޯލު ފަރާތްތައް ބަންދުކޮށް، އެފެރާތްތައް މިނިވަން ކުރުމަށް ސަރުކާރުން ޑީލް ހަދައި އެންމެ ފަހުން މިވަނީ ގައުމު ވިއްކާލާފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަވަސް ޝަރީއަތެއް ހިންގައި، އެމަނިކުފާން 13 އަހަރަށް ޖަލަށް ހުކުމް ކުރުމަށްފަހު ސަރުކާރުން ފެށީ، ބާކީ ދެންތިބި ސިޔާސީ އިސްފަރާތްތައް ތަފާތު ތުހުމަތުގައި ހައްޔަރު ކުރުމަށެވެ. ބައެއް ފަރާތްތައް ބިރު ދައްކައި ގައުމުން ފައްސާލީއެވެ.

އޭގެ ފަހުން ދެން ފެށީ ސަރުކާރުގެ ސިއްރު އެޖެންޑާ ތަންފީޒު ކުރުމުގެ މަސައްކަތެވެ. އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 2018 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތިލެވޭ ގޮތަށް އެމަނިކުފާން ދޫކޮށްލަން ޝަރުޠު ކުރީ ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށެވެ.

"ބްލެކްމެއިލް" ކޮށް އެކަން ކާމިޔާބް ކުރުމަށްފަހު، ކަމަކަށް ފަހު ކަމެއް ކުރަމުން ގޮސް ނައިބް ރައީސް މަގާމުން ވަކިކޮށް، އާ ނައިބް ރައީސަކު މިވަނީ އައްޔަން ކޮށްފައެވެ.

އޭގެ ފަހުން ރޭ ދަންވަރު، ދިވެހި ރައްޔިތުން ނިދުމުން މަޖްލިސް ހުޅުވައިގެން ރާއްޖޭގެ ބިން މިލްކުކުރުމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޭން ބަހުސްކޮށް މިއަދު މިވަނީ އެކަން ގާނޫނު އަސާސީގައި ހިމަނާފައެވެ.

ރާއްޖެ އަޅުވެތިކަމަށް

ދިވެހިރާއްޖޭގެ ބިން މިލްކުކުރުމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ އޭގެ ސަބަބުން ރާއްޖެ އާއި ރައްޔިތުންނަށް ދެރަ ގޮތްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިވަނީ ރައީސް ޔާމީންއަށް ސިޓީ ފޮނުއްވާފައެވެ.

30 އަހަރުގެ ދިގު ވެރިކަމެއް، ކުރައްވައި، އަދި މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއަށް ރައީސް ކަން ހޯއްދަވައި ދެއްވި އިސް މޭސްތިރި މިފަދަ ގޮތަކަށް ވިދާޅުވާނީ މިކަމުގައި ކިހާ ބޮޑު ގޯހެއް ހިމެނޭތީ ތޯއެވެ.

ބިދޭސީ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން މައުމޫން ވިދާޅުވީ ރާއްޖޭގެ ބިމަކީ ހަމައެކަނި މިވަގުތު ދިރިތިބި ދިވެހި ރައްޔިތުންގެ ހައްގެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ދިވެހި މިބިމަކީ އަންނަން އޮތް ޖީލުތަކެއްގެ ވެސް ހައްގެއް ކަމަށެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގެ ބިމުން ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް މިލްކުކުރުމުގެ ހައްގު ބޭރުގެ އެއްވެސް ފަރާތަކަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީފައި ނުވާ ކަމަށެވެ.

އަވަސް އަރުވާލައިގެން މިއަދު މި ފާސްކުރި ބިލާއި ގުޅިގެން ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ބިންތައް ބޭރުގެ އިންވެސްޓަރުންނަށް މިލްކުކުރެވޭ ގޮތަށް ހަމަޖައްސުމުން އެކަމާ މެދު ދިވެހި ރައްޔިތުން ފަހުން ހިތާމަކުރަން ޖެހޭނެ ކަމަށެވެ. އަލީ ހުސެން ވިދާޅުވީ ގައުމުގެ ބައެއް ވިއްކާލުމުގެ ހިތި ނަތީޖާ މިއަދު ފަލަސްތީނުން ފެންނަމުންދާ ކަމަށެވެ.

އަދި ރާއްޖެ އިން ބިން ވިއްކާލެވެނީ ކޮން ބަޔަކަށްކަން އަދި ހަރަދު ކުރެވެނީ ކިހާ ވަރެއްކަން އެނގޭނެ މެކޭނިޒަމެއް ރާއްޖެއަކު ނެތެވެ. އެހެން ކަމުން ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ގެއްލިގެންދާނެ ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފައެެވެ.

ޖީއެމްއާރްއަށް 25 އަހަރަށް އެއާޕޯޓް ދިނުން

އެމްޑީޕީގެ ވެރިކަން ވެއްޓުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އިންޑިއާގެ ޖީއެމްއާރްއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ހިންގަން ދިނުމުންނެވެ. އެއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން އަބަދު އުޅުއްވީ ރައްޔިތުން ގޮވައިގެން މަގުމަތީގައެވެ.

23 އޮކްޓޫބަރ 2012 ދުވަހު މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ޕީޕީއެމްގެ ބަސް ހިނގާ ސަރުކާރެއް ނަމަ މިހާރު ޖީއެމްއާރު ރާއްޖެއަކު ނޯންނާނެކަމަށެވެ.

"ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް ވަންޏާ ނޫނިއްޔާ ޕީޕީއެމްގެ ބަސް ހިނގާ ސަރުކާރެއް ކަމަށް ވަންޏާ ނޫނީ ޕީޕީއެމް އަކީ އެ މައްސަލައެއްގައި އެންމެ އިސް ބަސް ބުނާ ޕާޓީ ކަމަށް ވަންޏާ ޖީއެމްއާރު މިހާރު މި ދިވެހި ރާއްޖެއަކު ނޫޅޭނެ. ޖީއެމްއާރުގެ އެގްރިމެންޓް ކެންސަލްކޮށްފައި އޮންނާނީ. ޕީޕީއެމުން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިފިން ޖީއެމްއާރު އެގްރިމެންޓް ކެންސަލްކުރަން ޖެހޭ ކަމަށް،" ޔާމީން ވިދާޅުވި އެވެ.

އެއީ މިއަދު މަޒީއެވެ. ގަނޫނު އަސާސީގެ 251 ވަނަ މާއްދާ މިވަނީ ދެފަހަރެއްގެ މަތީން އިސްލާހްކޮށްފައެވެ. ފުރަތަމަ ފަހަރު ކުއްޔަށް ދެވޭ މުއްދަތު 99 އަހަރަށް އިސްލާހު ކުރީއެވެ. މިއަދު މި ފާސް ކުރީ ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ ކަަމަށެވެ.

މިނިވަން ކަން މިއަދު މިގެއްލެނީ ހުރިހާ މާނައެއްގައެވެ. 1 ބިލިއަން ޑޮލަރު ހިފައިގެން އަންނަ ކޮންމެ ފަރާތަކަށް ދިވެހި ބިމުން އަމިއްލަ ބިން ކޮޅެއް ލިބޭނެއެވެ. އެސްއިޒެޑް ކާމިޔާބް ނުވެގެން ދިވެހިންގެ ގައުމު ދިވެހިން ވިއްކާލީއެވެ.