"ބިންވެރިޔާ" ސްކީމްގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ގަވާއިދާ ހިލާފަށް ގޯތީގެ މުއާމަލާތް ހިންހީ ހައުސިން މިނިސްޓްރީގެ ވަރަށް ބޮޑު ދައުރެއް އޮވެގެން ކަމަށާއި އެހެންވެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް މަގާމުން ސަސްޕެންޑް ކުރަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެޗްޑީސީގެ "ވަގު" މުއާމަލާތާ" ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މައްސަލަ އަކީ ހައިދަރު މަގާމުން އިސްތިއުފާ ވެސް ދެއްވަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
"ހައިދަރުގެ އިސްތިއުފާއަށް އަޅުގަނޑު ގޮވާލަން ވަގުތުން ވަގުތަށް. ރައީސް ޖެހޭނެ އޭނަ ސަސްޕެންޑު ކުރައްވަން ވެސް މައްސަލަ ބަލާ ނިމެންދެން." އޭނަ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ގޯތިތަކުގެ ޕްލޮޓް ނަންބަރުތައް އެޗްޑީސީއަށް އެނގޭނީ އެ ނަންބަރުތައް ހައުސިން މިނިސްޓްރީން ހިއްސާ ކުރުމުން ކަމަށް ގަބޫލު ކުރެބޭ ކަމަށާއި 'ބިންވެރިޔާ" ސްކީމުން މި ސަރުކާރުން ހިންގި ވައްކަމުގެ ހުރިހާ ތަފްސީލެއް ވެސް ހައުސިން މިނިސްޓްރީ އަށް އެނގޭނެ ކަމަށެވެ.
"ހައުސިން މިނިސްޓްރީން މިކަން ހިންގެވިއިރު، ހައުސިން މިނިސްޓްރީއަށް ސީދާ އެނގިވަޑައިގަންނަވާނެ ހުރިހާ ތަފްސީލެއް. އެ ނޭނގޭނެ އެޗްޑީސީއަކަށެއް މިދެންނެވި ޕްލޮޓްތަކުގެ ނަންބަރުތަކާ އެއްޗިއްސެއް، ހުސްކޮށް ޕްލޮޓްތަކުގެ،" އަކްރަމް ވިދާޅުވި އެވެެ. "އެހެންވީމަ އެ މައުލޫމާތު ހައުސިން މިނިސްޓްރީން ޝެއާ ނުކުރަންޏަކާ އެޗްޑީސީއަކަށް އެ މައުލޫމާތެއް ނޭނގޭނެ."
އޭނަ ވިދާޅުވީ ހައުސިން މިނިސްޓްރީއަށް މިކަމުގެ ހުރިހާ ތަފުސީލެއް އެނގި އެކަމާފިޔަވަޅު ނޭޅުމުން ސުވާލު އުފެދޭ ކަމަށާއި އެކަމުގެ ޒިންމާ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން އިތުރު ބޭފުޅުން ވެސް ނަންގަވަން ޖެހޭ ކަމަށެވެ.
އަކްރަމް ވިދާޅުވީ މި މައްސަލައިގައި ސަރުކާރުން ފިޔަވަޅު ނާޅައި އިހުމާލުވާ ނަމަ ސަރުކާރަށް ދެކޮޅަށް މަގުމައްޗަށް ސީދާ ހަރަކާތަށް ވެސް ނުކުންނާ ކަމަށެވެ.