މުސްލިމުން ކްރިސްމަސް ފާހަގަކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުން ޣައިރު މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ތަބަޢަވުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށާއި އޭގެ ތެރޭގައި އެ މީހުންގެ ޢީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުން ހިމެނޭ ކަމަށެވެ.
"މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ކްރިސްމަސް ގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނެއެވެ،" ހުތުބާގައި ބުންޏެވެ.
މިފަދަ އަމަލުތަކުން ރާއްޖޭގެ މުޖުތަމަޢު ސަލާމަތްވާންޖެހޭ ކަމަށާއި އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެން ކަމަށް ހުތުބާގައި ބުންޏެވެ.
ނަމަވެސް ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާ ކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއް ނޫން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެގޮތުން ދިނާއި އަޤީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއް ކަމަށްވާއިރު މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަޞްލަކީ، އަނިޔާވެރިނުވާހައި ހިނދެއްގައި، ޞުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުންކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.