Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ކަރަންޓު ހިދުމަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކަރަންޓު ޚިދުމަތުގެ ކުރިމަގު އޮތީ ވަރަށް ވެސް އުޖާލާކޮށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ސްޓެލްކޯގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާ ހަމަޔަށް މިއަދު ވާސިލުވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމު ބިނާކުރުމާއި، ތަރައްގީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްގީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚުލާސްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތަކެއް ކަމަށެވެ.

މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"ޝައްކެއްނެތް ގޮތުގައި، އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާސިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ފަހުމީ ވިދާޅުވި އެވެ.

މީގެއިތުރުން ފަހުމީ ވަނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި މި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފަށާފައިވަނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްޤީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރު އެވެ.