އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލް ގައި ތިބި ގައިދީންތަކެއް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ގެންދާކަމަށް ބައެއް މީޑިޔާތަކުގައި ފަތުރާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައި ފުލުހުން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އައްޑޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެއްވެސް ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ނުގެންދާ ކަމަށެވެ.
ފުލުހުންގެ ފަރާތުން ބަންދުގައި ތިބޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރައްވައި މީޑިޔާ އޮފިޝަލް ވިދާޅުވީ ބައެއް މީޑިޔާތަކުގައި ބަންދުގައި ތިބި މީހުންނަށް ދޭ ޚިދުމަތުގެ ފެންވަރު ދަށްކަމަށް ރިޕޯޓްކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އަދި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭގޮތަށް އެފަދަ ޙަބަރުތައް ފެތުރުމުގެ ބަދަލުގައި ފުލުހުންނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ އެދިވަޑައިގެންފައެވެ.