ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީކަމުގައިވާ އިންޑިޔާގެ ވެރިކަން ކޮންޓްރޯލް ކުރަމުން އަންނަނީ ބީޖޭޕީ އާއި ކޮންގްރެސް ޕާޓީންނެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރަމުން އަންނަ އިންޑިޔާގެ ބޮޑު ސިޓީއެއްގައި ބާއްވާ އިންތިޙާބެއްގައި މި ދެ ޕާޓީ ނޫން އެހެން ޕާޓީއަކުން އަޤްލަބިއްޔަތު ހޯދުމަކީ އާންމު ގޮތެއްގައި ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.
ނަމަވެސް އިންޑިޔާގެ ސިޔާސީ މި ހަގީގަތް 2012 ވަނަ އަހަރު ބަދަލުކޮށްލީ، އާމް އާދްމީ ޕާޓީ (އާންމު ރައްޔިތުންގެ ޕާޓީ) އިންނެވެ. އިންޑިޔާގައި ކޮރަޕްޝަން އާންމު ވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ކަންތައް ހުއްޓުވަމަށް މަސައްކަތް ކުރި 'އިންޑިޔާ އެގެއިންސްޓް ކޮރަޕްޝަން' ހަރަކާތުގެ ތެރެއިން އުފެދިގެން އައި މި ޕާޓީ އުފެއްދުމުގައި އިސް ސަފުގައި ހަރަކާތްތެރި ވެފައިވަނީ ބީޖޭޕީ އާއި ކޮންގްރެސް ޕާޓީ ލީޑްކުރައްވާ ފަދަ 'ބޮޑެތި ބޭފުޅުންނެއް' ނޫނެވެ.
އިންޑިޔާގެ ސިޔާސީ މައިދާނުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރި އެކްޓިވިސްޓުން ހުށަހެޅި 'ޖަން ލޮކް ޕަލް' ބިލް ފާސްކުރުމަށް ބީޖޭޕީއާއި ކޮންގްރެސް ޕާޓީ އިން އެއްބާރުލުން ނުދިނުން ވެގެން ދިޔައީ އާމް އާދްމީ ޕާޓީ ވުޖޫދައް އަންނަން ޖެހުނު މައިގަނޑު ސަބަބަށެވެ. އެގޮތުން އާމް އާދްމީ ޕާޓީގެ ފަރާތުން ވާދަކުރި ފުރަތަމަ އިންތިޙާބް ކަމުގައިވާ، 2013 ވަނަ އަހަރުގެ ދިއްލީ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޙާބުގައި، ވާދަކޮށް އިންޑިޔާގެ ބޮޑެތި ޕާޓީތަކުގެ މައްޗަށް ހައިރާންކުރުވަނިވި ކާމިޔާބެއް ހޯދުން ވެގެން ދިޔައީ އިންޑިޔާގެ ސިޔާސީ ދާއިރާގައި ނުފޫޒުގެ ސަބަބުން މާޔޫސްވެފައި ތިބި އާންމު ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާބެއްގެ ގޮތުގައެވެ.
2013 ވަނަ އަހަރު ބޭއްވުނު ދިއްލީގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޙާބުގައި، އެ މަޖިލީހުގެ 70 ގޮނޑީގެ ތެރެއިން 28 ގޮނޑި ކާމިޔާބުކޮށް އިންޑިޔާގެ ސިޔާސީ ދާއިރާގެ މައި ޕާޓީތަކަށް ގޮންޖަހާލި އާމް އާދްމީ ޕާޓީގެ ފަރާތުން ވަނީ މިއަހަރު ބޭއްވި އިންތިހާބުގައި 70 ގޮނޑީގެ ތެރެއިން 67 ގޮނޑި ކާމިޔާބުކޮށް ސިޔާސީ މައިދާނުގައި އާންމު ރައްޔިތުން ބާރުވެރި ކުރުވާފައެވެ.
އާމް އާދްމީ ޕާޓީގެ ލޯގޯ އިން ފެނިގެންދަނީ ކުނި ކަހަން ގެންގުޅޭ އިލޮށިފައްޗެކެވެ. އެޕާޓީގެ ފަރާތުން މި ލޯގޯ ބޭނުންކޮށްގެން ދޭން ބޭނުންވާ މެސެޖަކީ ކޮރަޕްޝަނުގެ ވަބާއިން ޤައުމު ސާފުކުރަން ޖެހިފައިވާ މިންވަރެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚަށް ބަލާއިރު ވެސް ނަގާކިޔަން މިއޮތީ މައި ދެޕާޓީ ކަމުގައި ދަންނަވަން ޖެހެއެވެ. އެމްޑީޕީ އާއި ޕީޕީއެމެވެ. ފަހަތުގައި ތިއްބެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީން އަބްދުލް ޤައްޔޫމެވެ. އޭގެ ފަހަތުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވެނީ ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއެވެ. ސިޔާސީ މައިދާނުގައި އަދާލަތު ޕާޓީ އަދި ވިޔަފާރިވެރިޔާ ސަން ޓްރެވެލް ސިޔާމްގެ އެމްޑީއޭ އަންނަނީ މާ ފަހަތަށެވެ.
ދިވެހިރާއްޖެއަށް ސިޔާސީ ޕާޓީތައް ތަޢާރަފްކުރެވުމަށް ފަހު ހިނގާފައިވާ ކަންތަކަށް ބަލާއިރު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެހެން ހުރިހާ ޕާޓީތަކުގެ އިސްވެރިންނަށް ވެސް ދަނީ ކުރެވެމުންނެވެ. ރައްޔިތުންގެ ހައްޤުގައި ކަމަށް ބުނެ އެމީހުންގެ އަމިއްލަ ފާއިދާއަށް މަސައްކަތް ކުރަމުން ގެންދާ ލީޑަރުންތަކެއް ފަހަތުގައި ކަނު ބަނދެވިގެން ތިބެ ދިވެހި ރައްޔިތުން ކުރި މުޒާހަރާތަކާއި ވި ޤުރުބާނީތަކުގެ އެއްވެސް އަގެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ކުރިމަތީގައި ނެތްކަން މިއަދު މިވަނީ ހާމަވެގެން ގޮސްފައެވެ.
ބޭނުންފުޅުވާ ކަންތައް ކޮށްލަން ވީމާ، ސިއްރުން ބައްދަލުވުންތައް ބޭއްވުމަށް ފަހު ޑީލްތައް ނިންމާލާ އިރު ރައްޔިތު މީހާގެ ޚިޔާލު ހޯދުމެއް ނުވަތަ ރައްޔިތު މީހާއަށް ފެންނަގޮތަކަށް އިޙްތިރާމްކުރުމެއް ނޯންނަނީއެވެ. ސިޔާސީ ބޮޑެތި ބޭފުޅުން ހިންގަވާ ކޮރަޕްޝަނުގެ ޖަރީމާތައް ފޮރުވުމަށް މައި ސިޔާސީ ދެ ޕާޓީވެގެން ފަސްއަޅަނީއެވެ. އާންމު ރައްޔިތަކު ރިހާކުރު ފުޅިއެއް ވަގަށް ނެގާއިރަށް 5 އަހަރާއި 6 އަހަރުގެ މުއްދަތަކަށް ޖަލަށް ލެވުނު ނަމަވެސް ދިވެހިރައްޔިތުންގެ އެތައް މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވާ މީހާގެ މައްސަލަ ބެލޭނެ ކޯޓެއް ވެސް ނުހުންނަނީއެވެ.
ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވީނުވީއެއް ނޭނގިގެން އުޅެނިކޮށް އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީ ގުޅިގެން ރާއްޖޭގެ ބިންތައް ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައީ ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތިއެވެ. މަޖިލީހުގެ ބައެއް މެންބަރުން ސޯޝަލް މީޑިޔާގައި ބުނެފައިވާ ގޮތުގައި " ޤައުމު ވިއްކާލީއޭ ރައްޔިތުން ބުނަނީ އެމީހުންނަށް ނޭނގޭތީ" ކަމަށެވެ.
ކޮރަޕްޝަން ހަލާލު އެއްޗެއް ކަމަށް ނިންމައިގެން ވަކި މީހަކު ދުއްވާލަން، ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދަ ދިނުމަށް ޤާނޫނު އަސާސީ އަށް ބަދަލު ގެންނަމުންދަނީ ރައްޔިތުންގެ އިޙްސާސްތަކަށް އެއްވެސް އިޙްތިރާމެއް ކުރުމެއް ނެތި ކަމުގައި ދަންނަވަން ޖެހެއެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚް މިވަގުތު ކުރެހިފައި އޮތްގޮތުން އެމްޑީޕީ އާއި ޕީޕީއެމްގެ އިސްބޭފުޅުން ބޭނުންގޮތަކަށް ޤައުމުގެ ހުރިހާ ކަމެއް ވެސް މިހާރު އެގެންދަނީ ކުރަމުންނެވެ.
ޑިމޮކްރެސީގައި އެންމެ ބާރުގަދަ ފަރާތް ކަމުގައިވާ ރައްޔިތުންގެ ބާރު ކޮރަޕްޝަންގެ ސަބަބުން މިޤައުމުގައި މިވަނީ އެއްކޮށް ހެން ނެތިގެން ގޮސްފައެވެ. " އެމީހުން ކޮންމެ ކަމެއް ކުރިއަސް އަހަރުމެން ކުރާނީ ކީއްހޭ" ބުނުން ނޫންގޮތެއް މިއަދު ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަކަށް ނެތެވެ. ސިޔާސީ ލީޑަރުންގެ ފަހަތުގައި ކަނު ބަނދެވިގެން ތިބެ ކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުންތަކުގައި އެއްބައެއްގެ ގޮތުގައި އުޅެމުން ދިޔަ މި ކުޑަކުޑަ ޤައުމުގެ ރައްޔިތުން މިވަނީ ބައިބައި ވެގެން ގޮސްފައެވެ.
ރާއްޖޭގެ އާންމު ރައްޔިތުންނަށް ސިޔާސީ ދެކޮޅުވެރިކަން ނައްތާލުމަށް ފަހު އެކުވެރިކަމާއި އެކު އެމީހުންގެ ހަޤީޤީ ބާރުވެރިކަން ލިބިގެން މިޤައުމުގައި ދިރިއުޅެވެން އޮތީ ކޮރަޕްޝަންގެ ތުހުމަތު ތަކާޢި ޑީލްތައް ހަދާ ކަމުގެ ތުހުމަތު ކުރެވޭ ސިޔާސީ ލީޑަރުންނާއި ޕާޓީތައް ދޫކޮށްގެންނެވެ. އިންޑިޔާގެ އާމް އާދްމީ ޕާޓީގެ މިސާލު ނަގައިގެން ދިވެހިރާއްޖޭގައި ވެސް އާންމު ރައްޔިތުންގެ ޕާޓީއެއް އުފައްދަންވީ ވަގުތަކީ މިއީ އެވެ. އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެމީހުންގެ ހައްޤުގައި މަސައްކަތް ކުރަންވީ ވަގުތަކީ މިއީ އެވެ