މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ އެވެ.
ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެ، ގެތަކަށް ފެންނަމުންދާތީ އާންމުން މިހާރު އަންނަނީ އެކަމުން ރައްކާތެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ.
މާލޭގައި މި ފަހުން ވެސް ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިލާން ޖެހި، އާންމުންނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ މިހާތު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުން އަންނަ މި ވިއްސާރަ އަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މި ދުވަސްވަރު އާންމުކޮށް ކޮޅިގަނޑުތައް އުފެދި އޭގެ ސަބަބުން މޫސުން ގޯސްވެފައި ވަނީ ކަމަށެވެ.
އެގޮތުން ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި މެޓް އޮފީހުން ބުންޏެވެ. އެގޮތުން ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.
އެމްއެންޑިއެފުން ބުނީ މާލެގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވަރަށް ހެނދުނުން ފެށިގެން މާލޭގެ ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މިއަދު މެންދުރު ފަހު 3:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ތ. އަތޮޅަށް ވެސް ވައިޓް އެލާޓް ނެރެފަ އެވެ.