އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކުރި ޚަބަރު ލިބުމުން، މިވަގުތު ފުލުހުންގެ ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ރޮވިއްޖެއެވެ.
އިތުބާރު ހުރިގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާގޮތުގައި ޝެއިޚް އިމްރާން އަބްދުﷲ ވަނީ އެ ޙަބަރު ލިބުމުން ވަރަށް ބޮޑަށް ހިތާމަކުރެއްވި ކަމަށާއި " ދިވެހިރައްޔިތުންނާއި އެކު މިވަގުތު ހުރެވުނު ނަމަ އެކަމާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ކަމަށް" ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެއެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިވާއިރު، ޖީއެމްއާރް އަތުން އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއަރޕޯޓް އަތުލުމަށް ހިންގި ހަރަކާތުގައި ވެސް ދެގޮތެއް ނުވެ ސާބިތުވެހުންނެވީ ޝެއިޚް އިމްރާން އަބްދުﷲ ކަން ފާހަގަކޮށްލެވެއެވެ.
ޝެއިޚް އިމްރާން ޖަލުގައި ބަންދުކުރެވިފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ މޭސްތިރިޔާގެ ގޮތުގައި ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ނައިބު ރައީސް އަޙްމަދް އަދީބާއި މެދު ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ ވާހަކަ ފާޅުކަން ބޮޑުގޮތެއްގައި ދައްކަވަން ފެއްޓެވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.