(ނޮވެމްބަރު 6 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އިޖްތިހާދުން ކީރިތި ޤުރުއާން ތަފްސީރުކުރުން:
އިޖްތިހާދުން ކީރިތި ޤުރުއާން ތަފްސީރު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ އަމިއްލަ ރައުޔުން ނުވަތަ ބުއްދިން ކީރިތި ޤުރުއާން ތަފްސީރުކުރުމެވެ.
އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި، ޢަރަބި ބަހުގެ ޤަވާޢިދުތައް އެނގިހުރެ އަމިއްލަ އިޖްތިހާދުން ކީރިތި ޤުރުއާން ތަފްސީރު ކުރުމަކީ ހުއްދަ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ
مِنْهُمْ} [النساء: 83]
މާނައީ: "އަދި، އެއުރެންގެ ގާތަށް އަމާންކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެ ނަމަ (އެބަހީ: ހަނގުރާމައިގައި ނަޞްރުލިބުން ނުވަތަ ބަލިވުން ފަދަ ޚަބަރެއް އެއުރެންނަށް ލިބިއްޖެ ނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، ރަސޫލާގެ އަރިހަށާއި، އެއުރެންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަ ނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ ޙަޤީގަތްތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ."
މި އާޔަތުގައި މިވާ ޙަޤީގަތް ހޯދާ އަމުރުވެރިންނަކީ ޝަރީޢަތުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއްގެ މައްޗަށް އިޖްތިހާދުކޮށް ރައުޔުބަޔާންކުރާ މީހުންނެވެ. ކަންކަމުގެ ރައުޔާއި ލަފާ ހޯދަން އެފަދަ މީހުންގެ ގާތަށް ރުޖޫޢަވުމަށް ﷲ ތަޢާލާ އެންގެވުމުން އިޖްތިހާދު ކުރުމަކީ ހުއްދަ ކަމެއްކަން އެނގިގެންދެ އެވެ.
މާތް ނަބިއްޔާ ﷺ މުޢާޛުގެފާނު ޔަމަނުކަރައަށް ފޮނުއްވި ހިނދު އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ:
"ކަލޭގެފާނު ޙުކުމްކުރައްވާނީ ކޮންއެއްޗަކަށްތޯއެވެ؟ މުޢާޛުގެފާނު ވިދާޅުވި އެވެ: ﷲ ތަޢާލާގެ ފޮތަށެވެ. ނަބިއްޔާ ﷺ ދީޘްކުރެއްވިއެވެ: (އެފޮތުން) ނުފެއްޖެ ނަމަ ދެން ކޮން އެއްޗަކަށްތޯ އެވެ؟ މުޢާޛުގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާގެ ސުންނަތަށެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: (ސުންނަތުން) ނުފެނިއްޖެނަމަ ދެން ކޮން އެއްޗަކަށްތޯ އެވެ؟ މުޢާޛުގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނު އަމިއްލަފުޅަށް އިޖްތިހާދުކުރައްވާނީ އެވެ."
ސޫރަތުއް ނިސާގެ 176 ވަނަ އާޔަތުގައިވާ ކަލާލާގެ ވާރުތައިގެ މައްސަލައިގައި (އެބަހީ: އަސްލެއް ފަރުޢެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ: "ތިމަންކަލޭގެފާނު މިމައްސަލައިގައި ބަޔާންމިކުރަނީ ތިމަންކަލޭގެފާނުގެ އަމިއްލަ އިޖްތިހާދުގެ ރައުޔެވެ. ފަހެ މިރައުޔު ރަނގަޅުނަމަ އެއީ ﷲ ޙަޟްރަތުންވާ އިލްހާމެކެވެ. މިރައުޔު ނުބައިނަމަ އެއީ ޝައިތާނާގެ ފަރާތުންވާ ކަމެކެވެ."
އިސްލާމީ ޝަރީޢަތުގެ ޢިލްމުތައް ދަނެހުރި މީހަކު، ދީނުގެ ކަމެއްގައި އަމިއްލަ އިޖްތިހާދުން ރައުޔެއް ފާޅުކުރުމަކީ ހުއްދަވެގެންވާ ކަމެއްކަން މިދެޙާދިޘާއިން އެނގިގެންދެ އެވެ.
ޢަމްރު ބުން އަލްޢާޞްގެފާނު ފިނިކަންގަދަ ރެއެއްގައި ޖުނުބުވެރިވުމުން ހިނައިގަތުމުގެ ބަދަލުގައި ތަޔައްމަމް ކުރައްވައިގެން މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރެއްވިއެވެ. އަދި ރަސޫލާ ﷺ އަށް އެޚަބަރު ދެއްވުމުން އެގޮތަށް ކަންތައްކުރެއްވި ސަބަބާއި މެދު ރަސޫލާ ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ޖަވާބުގައި ދެންނެވީ ތިމަންކަލޭގެފާނުގެ ހަނދާނަށް އެވަގުތު އައީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ: {وَلا تَقْتُلُوا أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا} [النساء: 29] މާނައީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެ އެވެ."
މި އާޔަތާ މެދު ތިމަންކަލޭގެފާނު ވިސްނެވުމަށް ފަހުގައި ނަފްސުގެ ސަލާމަތަށް އެގޮތަށް ކަންތައް ކުރެއްވީ އެވެ. އެ ހިނދު ރަސޫލާ އެކަމަށް އިޤްރާރުވެ ހިނިވަރުނަކުރެއްވިއެވެ. މި ޙާދިޘާއަކީ ވެސް ކީރިތި ޤުރުއާނުގެ ތަފްސީރުގައި ދީނުގެ އުސޫލުތަކުގެ މަތިން އިޖްތިހާދުކޮށް ރައުޔު ފާޅުކުރެވިދާނެކަމުގެ ހެއްކެކެވެ. އަދި ނަބިއްޔާ ޢަބްދުﷲ ބުން ޢައްބާސްގެފާނަށް ކީރިތި ޤުރުއާން ތައުވީލު (ތަފްސީރު) ކުރުމުގެ ޢިލްމު ދެއްވުމަށް ކުރެއްވި ދުޢާއަކީ ވެސް މިކަމަށް ބާރުދޭ ދަލީލެކެވެ. ހަމައެއާ އެކީ ވަރަށް ގިނަ ޞަޙާބީބޭކަލުން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަފްސީރުގައި އިޖްތިހާދު ކުރައްވާ ރައުޔު ފާޅުކުރައްވާފައިވުމަކީ ވެސް މިއީ ހުއްދަވެގެންވާ ކަމެއްކަން އަންގައިދޭ ހެއްކެކެވެ.
މިކަމުގައި ހުއްދަވެގެން ނުވާ މަންހަޖަކީ ޝަރީޢަތުގެ އުސޫލުތަކާއި ޚިލާފަށް، ޢަރަބި ބަހުގެ އުސްލޫބުތަކާ ވެސް ޚިލާފަށް، ހަވާނަފްސަށް ތަބާވެ، ބާތިލު ފިރުޤާތަކާއި، މަޒްހަބާއި ބިދުޢައަށް ބާރުދިނުމަށް ﷲ ތަޢާލާގެ ކަލާމްފުޅާއިމެދު އަމިއްލަ ރައުޔު ފާޅުކުރުމެވެ. މިބީދައިން ﷲ ތަޢާލާގެ ކަލާމްފުޅު ތަފްސީރު ކުރުމަކީ ޙަރާމްކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ:
{ قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَاتَعْلَمُونَ} [الأعراف: 33]
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަރާމް ކުރެއްވިކަން ކަށަވަރީ، ފާޙިޝް ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، ޙައްޤަކާއި ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ޙުއްޖަތެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް ޝަރީކު ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައި މީހުން ބުނުމެވެ."
އަދި މި ދެންނެވި ފަދައިން ކީރިތި ޤުރުއާން ތަފްސީރު ކުރުމަކީ ޝައިތާނާ އަމުރުކުރާ ކަމެއް ވެސް މެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ:
{يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿١٦٨﴾ إِنَّمَا يَأْمُرُكُم بِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ} [البقرة: 168-169]
މާނައީ: "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައި މީހުން ތަބަޢަ ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިތާނާއީ، ތިޔަބައި މީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިޔެކެވެ. އެ ޝައިތާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައި މީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ."
މިގޮތުން ﷲ ތަޢާލާއަށް މެނުވީ އެނގުމެއް ނުވާ ކަންކަމުގެ މައްޗަށް ރައުޔު ފާޅުކުރުމާއި، ޝަރީޢަތުގެ ނައްޞުތަކާއި ޚިލާފަށް ރައުޔު ފާޅުކުރުމާއި، ބާތިލު ޢަޤީދާއެއް ޤަބޫލުކުރުމަށްފަހު އެބާތިލު ޢަޤީދާއަށް ބާރު ލިބޭ ގޮތަށް އާޔަތްތައް އަމިއްލަ ރައުޔުން ތަފްސީރުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މީގެ މިޘާލަކީ ބާތިލު ސޫފީ މަޒްހަބުގެ އަހުލުވެރިން އެބައި މީހުންގެ ނެށުމާއި ވަޖިދުވުމުގެ ޙުއްޖަތަކަށް އަންނަނިވި އާޔަތް ދަލީލަކަށް ހަދައި ތަފްސީރުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ:
{ارْكُضْ بِرِجْلِكَ} [ص: 42]
މާނައީ: "(އެކަލޭގެފާނަށް އެންގެވި އެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ!"
ފަހެ، މިއާޔަތަކީ ނެށުމާއި ވަޖިދުވުމަށް އެއްވެސް ގޮތަކުން ބާރުދޭ އާޔަތެއް ނޫނެވެ. އެހެނަސް ބާތިލު ސޫފީ މަޒްހަބުގެ އަހުލުވެރިން ވަނީ ޝަރީޢަތުގެ ރޫޙާއި ޚިލާފަށް ހަވާ ނަފްސުގެ އެދުމަށް މިއާޔަތް މި ބީދައިން ތަފްސީރުކޮށްފަ އެވެ. (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.