ވީޑިއޯ ގޭމްތައް އުފައްދާ ޖަޕާންގެ މަޝްހޫރު ކުންފުނި ސެގާ ކޯޕަރޭޝަނުން ސްޓްރީން ޕްލެޓްފޯމެއް ލޯންޗްކުރަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.
އެ ކުންފުނިން ބުނީ އަމާޒަމީ ނެޓްފްލިކްސް ކަހަލަ ޕްލެޓްފޯމެއް، ވީޑިއޯގޭމްތަކާ އެލީ ގެނެސްދިނުން ކަމަށެވެ.
ސެގާގެ ޕްރެޒިޑެންޓް ޝޫޓީ އުޓްސުމީ ބީބީސީ އަށް ވިދާޅުވީ ސްޓްރީމިން ހިދުމަތަކީ މިހާރު ވަރަށް ގިނަ ބަޔަކު ބަރޯސާވާ ހިދުމަތަކަށްވާތީ، ސެގާ ވެސް ގޭމްތަކާ އެކީ ސްޓްރީމިން އަށް ނުކުތުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ ކަމަށެވެ.
"އެހެންވެ އެކަމާ ވިސްނައި، މަޝްވަރާތަކެއް ކުރެވެމުން އެބަދޭ." އޭނަ ވިދާޅުވި އެވެ. "އެކަމަކު އަދި ނެތް މިކަމާ ގުޅޭ ގޮތުން އިތުރު ތަފުސީލަކަށް ދެވޭކަށް."
ސެގާ އިން ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަން ވިސްނަމުން އަންނަ އިރު، މިހާރު ވެސް ވީޑިއޯ ގޭމްތަކަށް ހާއްސަ މިފަދަ ޕްލެޓްފޯމްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓްގެ އެކްސްބޮކްސް ގޭމް ޕާސް އާއި ސޮނީގެ ޕްލޭސްޓޭޝަން ޕްލަސް ފާހަގަކޮށްލެވެ އެވެ. މިއީ މަހުން މަހަށް ފީ ދައްކައިގެން ސަބްސްކްރައިބް ކުރެވޭ ޒުވާނުންގެ މެދުގައި މަގުބޫލު ގޭމިން ސްޓްރީމިން ޕްލެޓްފޯމްތަކެކެވެ.
މީގެ އިތުރުން ނިންޓެންޑޯ އާއި އީއޭ އާއި އުބީސޮފްޓަކީ ވެސް ސްޓްރީމިންގެ ހިދުމަތްތަކެއް ދެމުން އަންނަ ގޭމުން ކުންފުނިތަކެކެވެ.
ސެގާ އިން އަމިއްލަ ސްޓްރީމިން ޕްލެޓްފޯމެއްގެ ވިސްނުން ގެންގުޅޭ އިރު، އެ ކުންފުނީގެ ގޭމްތަކެއް މިހާރު އެކިއެކި ގޭމިން ޕްލެޓްފޯމްތަކުން ސްޓްރީމްކޮށްގެން ކުޅެވެ އެވެ.