Last Updated: December 22, 13:53
Sunday, December 22, 2024
ޚަބަރު

ގާމެންޓް ފެކްޓްރީ ޕްރޮޖެކްޓް ހުއްޓާލަން އުޅޭތީ ކަންބޮޑުވުން

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ގާއިމުކުރަން ނިންމި ގާމެންޓް ފެކްޓްރީ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލަން އުޅޭތީ އައްޑޫގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި ފެކްޓަރީ އެޅުމަށް ބިމެއް ހަމަޖެއްސުމަށްޓަކައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީ ކައުންސިލާ އެކު މިދިޔަ ޖޫން މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫގައި ގާމެންޓް ފެކްޓްރީއެއް އަޅަން އެމްޑީޕީގެ ސަރުކާރުން ނިންމައި ފައިސާ ހަމަޖައްސައި، މަސައްކަތް ފެށުމަށް ކައުންސިލާއެކު މި ސަރުކާރުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ގާމެންޓް ފެކްޓްރީ އަޅާނެ ނިޔަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"މި ފެކްޓްރީގެ ޕްލޭނަކީ އައްޑޫގެ އިގްތިސާދަށް އެތަކެއް މަންފާ ކުރާނެ ޕްރޮޖެކްޓަކަށް ވާއިރު، މި މަސައްކަތް ހުއްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ނިންމި ވާހަކަ ބީސީސީން އިއުލާންކުރީ 2020 ގަ އެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ.

ބީސީސީ އިން މީގެކުރިން މައުލޫމާތު ދިން ގޮތުގައި އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަނީ ރާއްޖޭގައި ކުރެވިދާނެ މަސައްކަތްތައް ކޮށްގެން އިގްތިސާދު ވަރުގަދަ ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރާއްޖެއަށް އެތެރެކުރާ މުދާ މަދުކުރުމުގެ ބޭނުމުގަ އެވެ.

އައްޑު އަކީ ކުރިން ވަރަށް ފުޅާކޮށް ގާމެންޓް ފެކްޓްރީ ހިންގި ތަނެކެވެ. އެގޮތުން ސްރީ ލަންކާގެ ކުންފުނިތަކަކުން އަހަރުތަކެއް ވަންދެން ގަމުގައި ފެކްޓަރީތަކެއް ހިންގި އެވެ. އޭގެ އޭގެ ސަބަބުން އޭރު އައްޑުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ.