މިވަގުތު ފުލުހުންގެ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަދޭން ކުރިން ނިންމި ނަމަވެސް އެހުއްދަ ދެވެން ނެތް ކަމަށް އާއިލާއަށް އަންގައިފިއެވެ.
އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާގޮތުގައި ޝެއިޚް އިމްރާން އަބްދުﷲ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދޭން ނިންމިކަން މީގެ ކުރިން ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ވަނީ އެމަނިކުފާނުގެ އާއިލާއަށް އަންގާފައެވެ.
ޝެއިޚް އިމްރާން ބޭސްފަރުވާއަކަށް ދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވާއިރު، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާޙާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޝެއިޚް އިމްރާނަކީ އަބަދުވެސް ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިނުމާއި ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅަކަށް ވާއިރު އެމަނިކުފާނު އިތުރު ދުވަސްތަކަކަށް ޖަލުގައި ބެހެއްޓުމަށް ނިންމީ އެ އިސްލާހާ ދެކޮޅަށް ޝެއިޚް އިމްރާން މަސައްކަތްޕުޅު ކުރައްވަފާނެތީ ކަމަށް ބެލެވެއެވެ.