އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި ފަޒުލް ރަޝީދު މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް މިހާތަނަށް ހުންނެވީ ސަސްޕެންޝަނުގަ އެވެ. އަދި އޭނާ ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ފަޒުލް ވިދާޅުވީ އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހޭދަކުރި މުއްދަތުގައި، އޭނާއާ މެދު އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު އެކިއެކި ޕްލެޓްފޯމުތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. އެގޮތުން މިހާތަނަށް ހުރިހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީ އަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވެގެން ދިޔުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން ނޭދޭ ކަމަށް ފަޒުލް ވިދާޅުވި އެވެ.
"ކަންމިހެން ހުރުމުން، ބިންވެރިޔާ ސްކީމްއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަޅުގަނޑު އެދެނީ މަނިކުފާނަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށެވެ،" ފަޒުލްގެ ސިޓީގައިވެ އެވެ.
ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ ފަޒީލް އާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.
އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.