ބިޑް އުސޫލާ ހިލާފަށް ހުޅުމާލެއިން ބިން ވިއްކި ވާހަކަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކުމަށް އިއުލާން ކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް، އެޗްޑީސީގެ އިތުބާރު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.
ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާންކުރުމާ އެކު، ހުޅުވާލާފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެޗްޑީސީން ބުނެ އެވެ.
ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި އެ އަށް ފަހު އީއޯއައި ހުށަހަޅާ މީހުންނަށް ބިޑް ކުރުމަށް ހުޅުވާލާ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ. ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑް ކުރުމަށް ކަނޑައެޅި ވަގުތު ނިމޭއިރު، އެންމެ މަތީ އަގު ހުށަހެޅި މީހާ އަށް ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
"ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާން ކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގަ އެވެ. ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓުތަކެކެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
އެޗްޑީސީން މިހެން ބުނެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނާއި މި ސަރުކާރުގެ ވެރިންނަށް ނުއަގުގައި ހުޅުމާލެ އިން ބިންތަކެއް ވިއްކާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.