Last Updated: March 11, 15:50
Tuesday, March 11, 2025
ޚަބަރު

ފަޒުލް އަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ: އަޒާން

މެންބަރު އަހުމަދު އަޒާން މަރުޒޫގް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ކުރެވޭ ތުހުމަތުތައް ބަލަންޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައާ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން ދަނިކޮށް ފަޒުލް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެ މައްސަލައާ ގުޅިގެން ފަޒުލް ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ފަޒުލް އަށް ކުރެވޭ ތުހުމަތުތައް ފުލުހުން އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ބަލަންޖެހޭ ކަމަށާއި އެ މަޤާމުގައި ހުރެގެން ކުރަން ނުޖެހޭނެ ފަދަ ގިނަ ކަންކަން ފަޒުލް ކޮށްފައި އެބަހުރި ކަމަށެވެ.

އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ އިސްވެރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ފަޒުލްގެ ބޭބެ ފަޒީލް އާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.