Last Updated: January 1, 20:00
Wednesday, January 1, 2025
ކުޅިވަރު

ބާސާ ބަލިކޮށް އެތްލެޓިކޯ އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު އެތްލެޓިކޯ މެޑްރިޑުން 2-1 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

މި މޮޅާއެކު 18 މެޗުން 41 ޕޮއިންޓު ހޯދައިގެން އެތްލެޓިކޯ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 19 މެޗުން 38 ޕޮއިންޓު ހޯދައިގެން އޮތީ ބާސާ އެވެ. ތިންވަނައިގައި 17 މެޗުން 37 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑް އެވެ. ލީގުގައި މިރޭ ރެއާލުން ސެވިއްޔާއާ ދެކޮޅަށް ނިކުންނާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 30 ވަނަ މިނެޓްގައި ޕެޑްރީ ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ އެތްލެޓިކޯގެ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޕެޑްރީ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު ބާސާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ފާމިން ލޮޕޭޒް ފޮނުވާލި ހަމަލާ އެތްލެޓިކޯގެ ކީޕަރު ޔާން އޮބްލަކް މަތަކުރިއިރު، ރަފީނިއާ ކީޕަރު ބޯމަތިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެތްލެޓިކޯ އިން ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 60 ވަނަ މިނެޓްގައި ރޮޑްރިގޯ ޑެ ޕޯލް ކަމަށްވާއިރު، މިއީ ބާސާގެ އޭރިއާގެ ޕޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ލީޑު އަލުން ނަގަން ބާސާގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އާއި ރަފީނިއާ އަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، އެތްލެޓިކޯ މޮޅުވީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ އެޓީމުގެ ނޯވޭ ފޯވާޑް އެލެގްޒެންޑާ ސޯލޮތު ކާމިޔާބުކުރި ގޯލުންނެވެ. ބާސާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ސޯލޮތު ގޯލަށް ވައްދާލީ އެއް ފަހަރު މަތިން ފޮނުވާލި ހަމަލާއަކުންނެވެ.

ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބާސާ ބަލިވެފައިވާއިރު، މިރޭ ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެނަމަ ބާސާ ލީގުގެ ތިންވަނަ އަށް ވެއްޓޭނެ އެވެ.