Last Updated: December 22, 16:07
Sunday, December 22, 2024
ޚަބަރު

ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބޯޑުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން އެޗްޑީއެފްސީގެ ބޯޑަށް ޝަފީގް އައްޔަންކުރީ މި މަހުގެ 2 ގަ އެވެ. އޭނަ ކުރިން ވެސް އެ ކުންފުނީގައި މަސައްކަތް ކުރެއްވި އެވެ.
އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަފީގު ހުންނެވީ އެޗްޑީއެފްސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގަ އެވެ.

ޝަފީގަކީ ކެބިނެޓަށް ސެޕްޓެމްބަރު 30 ގައި މަހުގެ ތެރޭގައި ގެނައި ބަދަލުތަކަކާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ފިނޭންސް މިނިސްޓަރަކީ މިހާރު ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޝަފީގަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ.