Last Updated: December 22, 20:12
Sunday, December 22, 2024
ޚަބަރު

އައްޑޫ ގާމެންޓް ފެކްޓަރީ ހަދާނެ، އެދުނީ އެހެން ބިމަކަށް

އައްޑޫގައި ގާއިމު ކުރަން ނިންމާފައިވާ ގާމެންޓް ފެކްޓަރީގެ މަޝްރޫއު ހުއްޓާލަން ނޫޅޭ ކަމަށާއި އެކަން ކުރިއަށް ގެންދާނެ ކަމަށް ބިޒްނެސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އިން ބުނެފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ހާއްސަކޮށްފައިވާ ކުންފުނިން އެގޮތަށް ބުނީ ގާމަންޓް ފެކްޓަރީ މަޝްރޫއު ހުއްޓާލަން އުޅޭ ކަމަށް ވިދާޅުވެ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓްގައި އޭނަ ވިދާޅުވީ އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަން އެމްޑީޕީގެ ސަރުކާރުން ނިންމައި ފައިސާ ހަމަޖައްސައި، މަސައްކަތް ފެށުމަށް ކައުންސިލާ އެކު މި ސަރުކާރުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު، މިހާރު ގާމެންޓް ފެކްޓްރީ އަޅާނެ ނިޔަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ ގާމަންޓް ފެކްޓަރީގެ މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ލިބިފައި އޮތް ބިން އެހެން ސަރަހައްދަކަށް ބަދަލުކޮށް ދިނުމަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ މިހާރު އެ މަޝްރޫއަށް ކަނޑައަޅާފައިވާ ސަރަހައްދަކީ އެހެން މަޝްރޫއުތަކަށް ބޭނުން ކުރާ ސަރަހައްދެއްކަމުން ބިމުގެ އެއްބައި ދޫކޮށްލަން ޖެހިދާނެ ކަމަށް ބެލެވޭތީ ގާމަންޓް ފެކްޓަރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބިމެއް އަލުން ހަމަޖައްސައި ދިނުމަށް ކައުންސިލުގައި އެދުނީ ކަމަށެވެ.

އެހެންވެ ބިން ހަމަޖެހުނުހާ އަވަހަކަށް މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށް ޒިޔާއު ވިދާޅުވީ އެވެ. އޭނަ ވިދާޅުވި ގޮތުގައި އަމާޒަކީ ޢަމަލީ މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި ފެކްޓަރީ ނިންމުމެވެ.

އައްޑޫގައި ގާމެންޓް ފެކްޓަރީއެއް ހަދަން ކައުންސިލާއި ބީސީސީއާ ދެމެދު އެެއްބަސްވުމެއް ހަދައި ބިން ކުއްޔަށް ދޫކުުމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރު ޖޫން 9 ގަ އެވެ. އެކަމަށް ދޫކުރީ 30،000 އަކަފޫޓުގެ ބިމެކެވެ.