ޗައިނާގައި ބޭއްވި މުބާރާތެއްގައި މޯލްޑިވްސް ޕޮލިޓެކްނިކަށް ރިހި މެޑަލް ލިބިއްޖެ އެވެ.
އެތަނުން ރިހި މެޑަލް ހޯދީ މި މަހުގެ 16-20 އަށް ބެއިޖިން އާއި ޗިންގްޑާއޯގައި ބޭއްވި "ތާޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް" މުބާރާތުންނެވެ.
އެ މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރާ މުޙައްމަތު ލަޠީފާއި، ދަރިވަރުން ކަމަށްވާ އަޙްމަދު ލިވާޒާއި މުޙައްމަދު ނަސީމެވެ.
ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތުގައި އެކި ގައުމުތަކުން ފަންނީ އަދި އީޖާދީ ހުނަރުތައް ދައްކާލާފައިވެ އެވެ.
ޕޮލިޓެކްނިކަށް ލިބުނު ކާމިޔާބީއާ ގުޅޭ ގޮތުން އެތަނުން ބުނީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް ފަހުރުވެރި ކާމިޔާބީއެއް ލިބުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުން އަންނަ މަސައްކަތް ކާމިޔާބުކަން ދައްކުވައުދޭ ކަމެއް ކަމަށެވެ. އެގޮތުން މިފަދަ ކުރިއެރުންތަކުން ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ވަރަށް ސަރީހަކޮށް ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ކާމިޔާބީގެ ސަބަބުން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށް ދިނުމަށް ދެމުން އަން އަހައްމިއްޔަތު އިތުރަށް ހަރުދަނާވާނެ ކަމަށް ޕޮލިޓެކްނިކުން ބުންޏެވެ.