Last Updated: December 23, 18:06
Monday, December 23, 2024
ޚަބަރު

ޒުހޫރުގެ ސިޓީއެއް ނުލިބޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ސިޓީފުޅެއް ލިބިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސް ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ މެއި މަހު އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރި ޒުހޫރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރޭ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި މައްސަލަތަކާއި އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތަކެއް ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް މިދިޔަ ޖުލައި މަހު ހަތް ސަފުހާގެ ދިގު ސިޓީއެއް ފޮނުވާފަ އެވެ.

ރައީސް އޮފީހުގެ ބޭރުގައި މިއަދު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައި ނުވާ ކަމަށާއި އެފަދަ ސިޓީއެއް ލިބުނު ނަމަ ޔަގީނުން ވެސް ބައްލަވާނެ ކަމަށެވެ.

"ސިޓީއެއް އަޅުގަނޑަށް ލިބި، އަމަލު ނުކޮށް އޮތްކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް އޮތް ވާހަކައެއް ނޫން. ލިބިފައެއް ނެތް އެ ސިޓީއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނުގެ އަމަލެއް ނޫނީ ގަވައިދާ ހިލާފަށް ކުރާ އަމަލެއް ހުއްޓުވުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި މިއަދާ ހަމައަށް ވެސް އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންތައްތަކުގެ މައުލޫމާތު ލިބުމުން އެކަމަކަށް ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮންނަ ސަރުކާރަކަށް ހަދަން. އެއީ އަޅުގަނޑުމެން ވަޢުދުވީ ގޮތަކީ ވެސް." ރައީސް ވިދާޅުވި އެވެ.

ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ސަރުކާރު ތެރެއިން ހިނގަން ބޭނުންފުޅު ނުވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން އެގޮތަށް ޢަމަލު ނުކުރެއްވި ނަމަވެސް އެމަނިކުފާނު އެފަދަ ކަންކަމަށް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައާ ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ފަޒުލްގެ ބޭބެ ފަޒީލް އާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.