ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރަނީ ވައްކަން ކުރަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައާ ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ރައީސް އޮފީހުގެ ބޭރުގައި މިއަދު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ތަނެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކު ހިންގަން ބޭނުންފުޅު ނުވާ ކަމަށާއި އެމަނިކުފާނު މަގާމުތަކަށް މީހުން އައްޔަން ކުރަނީ ވައްކަން ކުރަން ނޫން ކަމަށެވެ.
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ނޫން ގޮތަކަށް ކަމެއް ކުރާ ކަމަށް ގަބޫލުކުރެވޭނަމަ، އެމީހަކު އެ މަގާމަކުން ދުރުކުރާނެ ކަމަށާއި އަދި އެކަން ހުއްޓުވާނެ ކަމަށެވެ. ސަރުކާރަކުން ކަންކަން ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށާއި ކުރީގެ ސަރުކާރުތަކުން މިފަދަ ކަންކަމުގައި އަމަލުނުކޮށް ހުރި ނަމަވެސް މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މިނިސްޓްރީއެއްގައި ވިޔަސް، ކުންފުންޏެއްގައި ވިޔަސް، ދައުލަތުގެ މުއައްސަސާއެއްގައި ވެސް އެކަހަލަ ކަމެއް ހިނގާނަމަ އަޅުގަނޑު އެދެން އޭސީސީ އާއި ދެން ހުރި ތަންތަނުން އެ ކަންކަން ބަލަން. ބަލާފައި ފިޔަވަޅު އަޅަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކޮންމެ މީހަކު ވިޔަސް ގަވާއިދާއި ގާނޫނާއި ހިލާފަށް ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށް އެއްވެސް ކަމެއް ކުރަން ޖާގަ ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.