ކަމަކުން ރެކިވަޑައިގަންނަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި މައްސަލަތަކާއި އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތަކެއް ހިމެނޭ ގޮތަށް މިދިޔަ ޖުލައި މަހު އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުވި ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ވަޒީރެއްގެ ފެންވަރުގައި ހުންނެވި ބޭފުޅެއްގެ ވާހަކަ ސިޓީއެއްގެ ޒަރިއްޔާ އިން ފޮނުވުމުން ރައީސާއި ހަމައަށް ނުގޮސް ނޯންނާނެ ކަމަށާއި ރައީސް މުއިއްޒު މިއަދު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ކަމަކުން ރެކެން ވެއްޖެނަމަ ހަމަ ކޮންމެ ފަދަ ދޮގެއް ވެސް ރައީސް މުއިއްޒު ހަދާފާނެކަން މިއަދު ހާމަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އެވަރުގެ ކަންކަމުގައި ކީއްކުރަންތޯއޭ ދޮގު ހަދަންވީ. ދޮގު ހަދާކަށް ނުޖެހޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބިންވެރިޔާ ސްކީމުން ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ރައީސް މުއިއްޒާއި ވަޒީރުންނަށް ވެސް ކުރިން އެނގިވަޑައިގަންނަވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ އޮޅުވާލަން ކަމަށެވެ. އަދި މި މައްސަލައިގައި ވަށައިގެން ޖަވާބުދޭންޖެހޭ ގިނަ ސުވާލުތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ ސުވާލުތަކަށް މި ސަރުކާރުގެ ބޭފުޅުންނަށް ޖަވާބު ނުދެއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީކީ ނޭނގި ހިނގާ ކަމެއް ނޫނޭ، އެކަމަކު ކީއްވެގެންހޭ މިހާ ބޮޑަށް މި ދޮގު މި ހަދަނީ. ދޮގު ހަދާނީ ކަމެއް ފޮރުވަން،" ޔާމީން ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައާ ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.