ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު އަދި އެވުޒާރާގެ އިސްވެރިންނެވެ.
ޗައިނާގެ ވިޔަފާރިވެރިންތަކެއް ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަަތުތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ކުރަމުންދާ ދަތުރުގައި ވަޒީރު ޝިޔާމު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި، މެރިކަލްޗަރ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްްސާކޮށްފަ އެވެ.
ވަޒީރު ވަނީ ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތާއި، މެރިކަލްޗަރ ސިނާއަތުގެ ދާއިރާއިން މަސައްކަތްތައް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވި އެވެ.