ޓޮޓެންހަމް 6-3 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 16 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 17 މެޗުން 35 ޕޮއިންޓު ހޯދައިގެން އޮތީ ޗެލްސީ އެވެ. ތިންވަނައިގައި 33 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ 23 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 36 ވަނަ މިނެޓްގައި އެލެކްސިސް މެކަލިސްޓާ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އޭގެ ފަސް މިނެޓް ފަހުން ޖޭމްސް މެޑިސަން ވަނީ ޓޮޓެންހަމަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑޮމިނިކް ސޮބޮސްލާއި ވަނީ ލިވަޕޫލްގެ ލީޑު އަލުން ފުޅާކޮށްދީފަ އެވެ.
ލިވަޕޫލުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ދެ ގޯލު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާ އެވެ. އަދި ލިވަޕޫލްގެ ފަހު ގޯލު ޑިއާޒް ކާމިޔާބުކޮށްދިން އިރު، ޓޮޓެންހަމްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެޖާން ކުލުސެވްސްކީ އާއި ޑޮމިނިކް ސޮލާންކީ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބޯންމަތް އަތުން 3-0 އިން ބަލިވިއިރު، އާ ކޯޗުގެ ފުރަތަމަ މެޗުން ވުލްވްސް އިން ވަނީ ލެސްޓަ ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދާފަ އެވެ.