Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ޒަކާތުގެ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އާންމުކޮށްފި އެވެ.

އެކަމަށްޓަކައި އިއްޔެ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، އާ މިންގަނޑު އާންމުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި އަސާސްތަކާއި މިންގަނޑުތަކަކީ ރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ އަސާސެކެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މި ސަރުކާރުން މޯލްޑިވްސް ޒަކާތު ހައުސް އުފެއްދި މަތިވެރި މަޤްސަދު ޙާސިލްވަމުން އަހްނަ ކަމަށެވެ. އަދި އާންމުކުރި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށް ވިދާޅުވި އެވެ.

ޒަކާތު ހައުސްއިން އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި ޢަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ސައްޙަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއާއި ޤިޔާސްއާއި އިސްލާމީ ފިޤްހުގެ ޤަވާޢިދުތަކާއި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ އަލީގައްޔާއި ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސުތަކުގެ ޤަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ޤައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން ޢަމަލުކުރަމުންދާ ފިޤްހީ އުސޫލުތަކަށް ބަލައިގެންނެވެ.

މި އަސާސްތަކާއި މިންގަނޑުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި:

* ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުން.
* މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުޢީ އަސާސުތައް ބަޔާންކުރުން.
* މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން.
* ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް
* މުދަލު ޒަކާތްދެއްކުމާ ގުޅޭ ޢާންމު އުޞޫލުތައް

އަދި މީގައި ޒަކާތު ބެހެނިވެރީންގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް ވެސް ހިމަނާފައިވެ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ޒަކާތާ ގުޅޭ މި މުހިއްމު މަސައްކަތުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީފިލާ ވެސް ދީފަ އެވެ.