މ. މުލީގައި ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެތަނަށް އަންނަ އަހަރުގެ މާޗް 1 ގައި ޓެސްޓް ފްލައިޓް ބާއްވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އެއާޕޯޓްގައި މިހާރު ކުރަމުން އަންނަނީ ތަން ވާން ޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައް ކަމަށެވެ.
"އެއާޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީއާއި ވަޞީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން." އޭނަ ވިދާޅުވި އެވެ.
މުލީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭގެ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ އެއާޕޯޓް މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 28، 2021 ގަ އެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. މި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ 2021 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އޭރު އަމާޒު ހިފީ މިދިޔަ އަހަރުގެ މެދުތެރޭގައި އެއާޕޯޓް ހުޅުވުމަށެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ ފައިސާގެ ތާށިކަމާ ހުރެ އެމްޓީސީސީން ބުނެފައިވެ އެވެ.