Last Updated: December 29, 05:46
Sunday, December 29, 2024
ޚަބަރު

ކުރިންވެސް ގޯތި ލިސްޓު ހެދީ ބޭއިންސާފުން: ނަޝީދު

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައަކީ ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ވިދާޅުވެވެން އޮތީ މީގެ ކުރިން ވެސް ދެންނެވި ވާހަކަ ކަމަށާއި އެއީ ކުރިން ވެސް ލިސްޓު ހަދައިފައި ވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށެވެ. އަދި މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް ބޮޅެއް އިތުރުވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައި އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައި. އަޅުގަނޑު އުއްމީދުކުރަނީ ފުލުހުން ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް އަދި މައުރޫފް ޖަމީލް އެންމެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ މިނިސްޓަރު މުޙައްމަދު މައުރޫފް ޖަމީލް އިއްޔެ ވަނީ އައްޔަން ކުރައްވާފަ އެވެ.