Last Updated: December 29, 05:46
Sunday, December 29, 2024
ޚަބަރު

ކޮރަޕްޝަންގެ ތުހުމަތެއް ނުކުރޭ، ލައްކަ ވާހަކަ އެބަހުރި

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު - ފޮޓޯ: ރައީސް އޮފީސް

މަގާމުން އިސްތިއުފާ ދިނީ ސަރުކާރުން އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރުމުން ކަމަށް ދެކެވޭ ވާހަކަތައް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުއާޒު މުހައްމަދު ރަޝީދު ދޮގުކުރައްވައިފި އެވެ.

މުއާޒު އިސްތިއުފާ ދެއްވުމުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުން އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރުމުން ކަމަށް ބުނެ ތަފާތު އެކި ޕޯސްޓުތައް ކުރަމުންނެވެ. އެ ޕޯސްޓުތަކުގައި މުއާޒުގެ މައްޗަށް ވަނީ ގާނޫނާ ހިލާފަށް ޕްރޮކިއުމަންޓްތައް ހިންގުމާއި، އުސޫލުން ބޭރުން ވަޒީފާތައް ދިނުމާއި މާލީ ކަންކަން އޮޅުވާލުމުގެ ތުހުމަތުކޮށްފަ އެވެ.

މި ވާހަކަތަކާ ގުޅިގެން މުއާޒު ވިދާޅުވީ މީ ކަނޑައެޅިގެން ދޮގު ކަމަށާއި މީގެ އެއްވެސް ތުހުމަތެއް ސަރުކާރުން ނުކުރާ ކަމަށެވެ.

"ހަގީގަތް އޮޅުވާލަން ނޫޅޭ. ލައްކަ ވާހަކަ އެބަހުރި ދައްކަން ޖެހިއްޖިއްޔާ ދައްކަން،" މުއާޒު ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި މުއާޒު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުންފުންޏާ ހަވާލުވި އިރު 4.3 މިލިއަންގެ ރުފިޔާގެ ދަރަނި އޮތުމާއި ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރަން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައި ނުވުން ހިމެނޭ ކަމަށެވެ.

މުއާޒު އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިހާރު ވަނީ އައްޔަންކޮށްފަ އެވެ. ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ.