Last Updated: December 28, 14:19
Saturday, December 28, 2024
ޚަބަރު

ހީނާ ވައްކަމެއް ނުކުރާނެ: ޝުޖާއު

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވައްކަން ނުކުރާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވަނީ ދާދިފަހުން ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލްގެ ކުންފުނި ކަމަށްވާ، މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާ އިމާރާތެއްގެ ފްލޯތަކެއްގައި އެންސްޕާ ހިންގަން ކުއްޔަށް ހިފުމުންނެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން އެންސްޕާ އިން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ހައުސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފަ އެވެ.

މި ޓީވީ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައިވެ އެވެ. މި މައްސަލަ ބަލައިދިނުމަށް އެދި އެންސްޕާ އިން ވަނީ އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން ހީނާގެ އިސްތިއުފާ އަށް ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު، ޝުޖާއު ވިދާޅުވީ ހީނާ ވައްކަމެއް ނުކުރާނެ ކަމަށާއި އެއީ ސައްތައިން ސައްތަ ޔަގީން ކަމެއް ކަމަށެވެ. އަދި ހީނާ މާޔޫސްވެ އިސްދަށަށް ޖަހާނެ ކަމަށް އެމްޑީޕީ އާއި އެ ޕާޓީއަށް ވާގިވެރިވާ ފަރާތްތަކުން ދެކުމަކީ ކުށްހީއެއް ކަމަށާއި ހީނާ އަކީ އެމްޑީޕީ ވެރިކަމުން ބާލަން ކުރި މަސައްކަތުގެ އެއް ފަހުލަވާނު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ހީނާ އަދާކުރަމުންދާ ޤައުމީ ވާޖިބަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ފުރައްސާރަ ކުރިޔަސް ހީނާ ގައިގައި އެކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ވެސް ހުންނާނެ. އޮޅިގެން ނޫޅުއްވާ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިހެން ވިދާޅުވި އިރު، ރައީސް އޮފީސް ދޮރުމަތީ ބައެއް ނޫސްވެރިންނާއެކު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އެންސްޕާގެ ކޮރަޕްޝަން މައްސަަލަ އެނގިވަޑައިގެންފައިވޭތޯ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސުވާލުކޮށްފަ އެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށާއި، އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑާ ހަމައަށް ލިބިއްޖެޔާ އަޅުގަނޑު ހަމަ ކަމާ ބެހޭ ފަރާތްތަކަށް ދެންމެގައި ވެސް މި ދެންނެވި ގޮތަށް ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

އެންސްޕާ އިން ވަނީ އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އޭސީސީގައި އެދިފަ އެވެ.