ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އެ ނިންމައިލުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، އެކްސަސައިޒްގައި ބައިވެރިވި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާޙީމް ޙިލްމީ އެވެ.
މި މަހުގެ 8-22 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި އެކްސަސައިޒްގައި، އެމްއެންޑީއެފް ހުރިހާ ކޯރތަކެއް ހިމެނޭ ގޮތުން 39 ސިފައިން ބައިވެރިވެފައިވެ އެވެ.
އެމްއެންޑީއެފް ސާވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިން އަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިން ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށް ދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒްގެ ބައިވެރީން ވަނީ، ކުރިއަށް ދިޔަ "ރަންނަމާރި ހަންޓް" ގެ ކަލްމިނޭޝަންގައި، ކަނޑައެޅިފައިވާ ސިނާރިއޯ އަށް، ޖޮއިންޓް ޕްލޭނިން ޕްރޮސެސްގެ ބައިތައް ބޭނުންކޮށްގެން އޮޕަރޭޝަން އޯޑަ ތައްޔާރުކޮށް، ކޮމާންޑަރަށް ހުށަހަޅައި ދީފަ އެވެ.