ދެ މިލިއަން ޓޫރިސްޓުން ގެންނަން މި އަހަރު ހިފި އަމާޒު އަންނަ ބުރާސްފަތި ދުވަހު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މި މަހުގެ ފަހުކޮޅުގައި އެ ޓާގެޓް ހާސިލުވާނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ފައިސަލް ވިދާޅުވީ ދެ މިލިއަން ވަނަ ޓޫރިސްޓަށް ބުރާސްފަތި ދުވަހު ހޫނު މަރުހަބާއެއް ވެސް ކިޔާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،978،252 ޓޫރިސްޓުން އައިސްފައިވެ އެވެ. ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަކީ ޗައިނާ (260،900 ޓޫރިސްޓުން)، ރަޝިއާ (216،00 ޓޫރިސްޓުން)، އިނގިރޭސިވިލާތް (173،900 ޓޫރިސްޓުން)، ޖަރުމަން (151،200 ޓޫރިސްޓުން)، (އިޓަލީ 133،700 ޓޫރިސްޓުން)،
އިންޑިއާ (126،000 ޓޫރިސްޓުން)، އެމެރިކާ (66،700 ޓޫރިސްޓުން)، ފްރާންސް (51،700 ޓޫރިސްޓުން)، ސްޕެއިން (46،100 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (39،000 ޓޫރިސްޓުން) އެވެ.
މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،092 ޓޫރިސްޓުން އާދެ އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ