ނޮވެމްބަރު 9 ވަނަ ދުވަހު އައިޖީއެމްއެޗްގައި ނޭޕާލްގެ އަންހެނަކު ނިޔާވެފައިވާ ކަމަށާއި އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، އައިޖީއެމްއެޗްގެ އީއާރްއަށް ގެނައި ނޭޕާލަށް ނިސްބަތްވާ 25 އަހަރުގެ އަންހެނެއް، ނިޔާވެފައިވާ މައްސަލައެއް ނޮވެމްބަރު 9 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ތަހުގީގަށް އެނގިފައިވާގޮތުގައި، އަންހެން މީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި އަންހެން މީހާގެ ޚަބަރުހުސްވިކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މީނާއަކީ އެނީމިއާގެ މެޑިކަލް ހިސްްޓްރީ އޮންނަ މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި މެޑިކޯ-ލީގަލް ރިޕޯޓްގައި އަންހެން މީހާ މަރުވި ސަބަބު ދެނެގަނެވިފައި ނުވާކަމަށް ބަޔާންކޮށްފައިވާކަން ފުލުހުން ފާހަގަ ކޮށްފައިވެ އެވެ.
"ރިޕޯޓްގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކޮށްފައިނުވޭ." ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާގެ ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައިވެ އެވެ.