ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި، ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް އެމްޑީޕީން ރާވާފައިވާ ކަމަށް ބުނެ ދެއްކި ވާހަކަތައް ކުށްވެރިކޮށް އެ ވާހަކަތައް ތަހުގީގު ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީއަށް މި ބޮޑު ތުހުމަތުކޮށް ވާހަކަ ދެއްކެވީ އެމްޑީޕީއަށް ކުރިން ނިސްބަތްވާ، ޓޫރިޒަމް މިނިސްޓްރީގެ މިރާރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު އެވެ.
އެމްޑީޕީން ބުނެފައިވަނީ، މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އެމްޑީޕީން ބުނެފައިވެ އެވެ.
ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފައިވެ އެވެ.