Last Updated: December 27, 20:54
Friday, December 27, 2024
ޚަބަރު

ބީއެމްއެލްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުން ހޮވައި, އެ ދަރިވަރުންގެ ނަން ހާމަކޮށްފި އެވެ.

މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ ރީޝަމް މުހައްމަދު، ނޫރްހާން މުހައްމަދު މޫސާގެ އިތުރުން އައިޝަތު ޟަރާ ނަސީރު އެވެ.

މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މި އަހަރު ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި މި ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ތައުލީމ،ީ ގާބިލު ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލް އިން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

"މި ސްކޮލާޝިޕްތަކަކީ ހަމައެކަނި ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުސަތެއްގެ އިތުރުން މިއީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 6 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.